ޕްރޮޖެކްޓް އަދި ޕްރޮގްރާމް
މަޝްރޫޢުތައް
މަކުނުދޫ ޖެޓީ ސަރަހައްދުގައިވާ ބައްތިތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުން
މަކުނުދޫ ޖެޓީ ސަރަހައްދުގައިވާ ބައްތިތަކަށް ދިމާވެފައިވާ މައްސަލަތައް ވަނީ ހައްލުކުރެވިފައެވެ. މި މަސައްކަތް ހިލޭ ސާބަހަށް ކޮށްދެއްވީ މ.މުލައް / ފެއަރސްޓަރ، ލޫޠު ޢަބްދުالله އެވެ.
މަކުނުދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުން ސީސީޓީވީ ކެމެރާ ސިސްޓަމް ހަރުކުރުން
މަކުނުދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުން ސީސީޓީވީ ކެމެރާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ލާމި އިންވެސްޓްމެންޓާ ހަވާލުކޮށްގެން ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. ޖުމްލަ 57,198.75 ރުފިޔާ ހަރަދުވި މި މަޝްރޫއު 13 ދުވަހުގެ ތެރޭގައި ފުރިހަމަކޮށްފައިވާއިރު، މި ނިޒާމުގެ ސަބަބުން ކައުންސިލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް މީގެ ކުރިން ޒަމާނުއްސުރެ ކުރަންޖެހުނު ހަރަދުތައް އެއްކޮށް ހުއްޓި، އިދާރާގެ ބަޖެޓުން ބޮޑު ބައެއް ސަލާމަތްކުރެވިގެންދާނެއެވެ.
މަކުނުދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރު (ކުނިކޮށި) އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގައި ބެލެހެއްޓުން
މަކުނުދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރު (ކުނިކޮށި) އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގައި ބެލެހެއްޓުމަށްޓަކައި، 21 ފެބުރުވަރީ 2022 ގައި ކެލްވީނިއާ އިންވެސްޓްމެންޓާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
އެންކަރ ބުޑު އެޅުމުގެ މަޝްރޫޢު
އޮޑިދޯނިފަހަރު އަޅާނެ ރައްކާތެރި ނިޒާމެއް ނެތުމުގެ ސަބަބުން މަސްވެރިންނަށް ދިމާވަމުންދިޔަ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި، ކައުންސިލުން އިސްނަގައިގެން 'އެންކަރ ބުޑު' އެޅުމުގެ މުހިންމު މަސައްކަތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މަސްވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ފަރުމާކުރެވުނު މި މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލެވުނީ މަސްވެރިންނާއި ސޮނޭވާގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާ އެކުގައެވެ. މި މަސައްކަތް ކޮންޓްރެކްޓް އުސޫލުން ލާމި އިންވެސްޓްމެންޓާ ހަވާލުކުރެވުނީ 24 މާރިޗު 2022 ގައެވެ. ޖުމްލަ 115,431.25 ރުފިޔާ ޚަރަދުވި މި މަޝްރޫޢު، ހަވާލުކުރެވުނު 9 ދުވަހުގެ މުއްދަތުގެ ތެރޭގައި ވަނީ އެއްކޮށް ނިންމާލެވިފައެވެ.
ކައުންސިލްގެ ފެންތާންގީތަކުގެ ފެންވައިރުކުރުމުގެ މަޝްރޫއު
މި މަޝްރޫއަކީ ރަށުގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމެއް ގާއިމުކުރުމަށްޓަކައި ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ލާމި އިންވެސްޓްމެންޓާ ހަވާލުކޮށްގެން ކުރިއަށްގެންދެވުނު މި މަސައްކަތުގެ ޖުމްލަ އަގަކީ 17,055.50 (ސަތާރަ ހާސް ފަންސަވީސް ރުފިޔާ ފަންސާސް ލާރި) އެވެ. މި މަސައްކަތް ނިންމުމަށް ދެވުނީ 5 ދުވަހުގެ މުއްދަތެވެ..
މަގު ބައްތިތަކާއި ޖެޓީ ބައްތިތައް ސޯލަރ ސިސްޓަމަށް ބަދަލުކުރުމުގެ މަޝްރޫޢު
މި މަޝްރޫޢަކީ ރަށުގެ މަގުތަކާއި ބަނދަރު ސަރަޙައްދު ދިއްލުމަށް ކައުންސިލުން ކޮންމެ މަހަކު ކުރަންޖެހޭ ކަރަންޓު ޚަރަދު ކުޑަކޮށް، މާލިއްޔަތުން ހިނގާ ބޮޑު ހޭދައެއް ސަލާމަތްކުރުމުގެ މަޤްޞަދުގައި ކައުންސިލުން ނިންމި މުހިންމު ނިންމުމެކެވެ. މި މަޝްރޫޢުގެ ދަށުން ރަށުތެރެއާއި ބަނދަރު ސަރަޙައްދުގައި ބޭނުންކުރުމަށް 160 ސޯލަރ ލައިޓް ހޯދުމަށްޓަކައި، 24 ފެބްރުވަރީ 2022 ގައި "އަލް އަމީރު ހޯލްޑިންގްސް" އާ މަސައްކަތް ހަވާލުކުރެވުނެވެ. މި މަސައްކަތް ނިންމުމަށް އެއްބަސްވުމުގައި ކަނޑައެޅިފައިވަނީ 60 ދުވަހުގެ މުއްދަތެކެވެ. މުޅި މަޝްރޫޢުގެ ޖުމްލަ އަގަކީ 266,000.00 (ދެލައްކަ ފަސްދޮޅަސް ހަހާސް) ރުފިޔާއެވެ. ނަމަވެސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމާފައިނުވާތީ، އެއްބަސްވުމުގެ ދަށުން ލިކުއިޑޭޓެޑް ޑެމޭޖަސް (Liquidated Damages) ނުވަތަ ލަސްވި ދުވަސްތަކުގެ ޖޫރިމަނާގެ ގޮތުގައި 13,300.00 ރުފިޔާ ވަނީ އުނިކުރެވިފައެވެ.
މަސްޖިދުއް ތަޤްވާގެ ކަރަންޓް ވިއުގަ ތްރީ ފޭސް އަށް ބަދަލުކުރުން
މަކުނުދޫ ފެނަކާ ބްރާންޗްގެ އެހީތެރިކަމާއި އެކު މަސްޖިދުއް ތަޤްވާގެ ކަރަންޓް ވިއުގަ ތްރީ ފޭސް އަށް ބަދަލުކުރުން
ސޮނޭވާއާއި ގުޅިގެން މަކުނުދޫގައި އެކޯ ސެންޓަރެއް ޤާއިމްކުރުން
ހދ. މަކުނުދޫގައި ގާއިމުކުރެވުނު "އެކޯ ސެންޓަރު" އަކީ ސޮނޭވާ ނަމޫނާއާ ގުޅިގެން، ސޮނޭވާގެ މާލީ އެހީތެރިކަމާއެކު މަކުނުދޫ ކައުންސިލުން ސޮއިކޮށްފައިވާ ހާއްސަ ފަހުމުނާމާއެއްގެ ދަށުން ހިންގާ މުހިންމު މަޝްރޫއެކެވެ. މި އެއްބަސްވުމުގެ ދަށުން ކުނި މެނޭޖުކުރާ ސެންޓަރަކާއި، ފާލަމެއްގެ އިތުރުން މަސައްކަތަށް ބޭނުންވާ މެޝިނަރީސް ސޮނޭވާގެ ފަރާތުން ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން، މި މަސައްކަތަށް ބޭނުންވާ ފަންނީ ލަފަޔާއި ދެ މުވައްޒަފުންގެ މުސާރަ ދިނުމަށް ވެސް މި ފަހުމުނާމާގައި ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރަށުގައި އުފެދޭ ކުނި ތިމާވެއްޓާ ރައްޓެހި ނިޒާމެއްގެ ދަށުން ނައްތާލުމެވެ. "ވޭސްޓް ޓު ވެލްތު" ނުވަތަ ކުނިން މަންފާ ހޯދުމުގެ މޮޓޯގެ ދަށުން ހިންގާ މި ސެންޓަރަކީ ރަށުގެ ސާފުތާހިރުކަމާއި ތިމާވެށި ހިމާޔަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ރަސްފިނި ޕާކު ތަރައްޤީކުރުމުގެ މަޝްރޫޢު
މި ޕާކަކީ ރަށުގެ ކުޑަކުދިންނަށް އުފާވެރި އަދި ރައްކާތެރި މުނިފޫހިފިލުވުމުގެ މާހައުލެއް ބިނާކުރުމަށްޓަކައި، ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ތަނެކެވެ. މި ޕާކުގައި ބޭނުންކޮށްފައިވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ހަދިޔާކުރެއްވި ކުޑަކުދިންގެ ކުޅޭ ސާމާނެވެ. މި މަސައްކަތް "ގްރީން އެނަރޖީ އެންޑް ޓެކްނޮލޮޖީ" އާ ހަވާލުކުރެވުނީ 16 އެޕްރީލް 2023 ގައެވެ. ޖުމްލަ 437,400.00 (ހަތަރުލައްކަ ތިރީސް ހަތްހާސް ހަތަރުސަތޭކަ) ރުފިޔާގެ މި މަޝްރޫޢު، 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރެވުނުއިރު، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ.
ހދ. މަކުނުދޫގެ އިޖުތިމާޢީ ސަރަހައްދުތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން
މި މަސައްކަތަކީ މަކުނުދޫގެ އާންމު އިޖުތިމާޢީ މައިދާންތަކާއި، އަތިރިމައްޗާއި ބަނދަރު ސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުމަށްޓަކައި، ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ނުހަނު މުހިންމު މަސައްކަތެކެވެ. މަކުނުދޫއަކީ އަބަދުވެސް ތާހިރު އަދި ހިތްފަސޭހަ ރަށެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ކައުންސިލުން ޚާއްޞަ އިސްކަމެއް ދެއެވެ. މި މަސައްކަތް "ބޯ އިންވެސްޓްމަންޓް" އާ ހަވާލުކުރެވިފައިވަނީ 27 ފެބްރުވަރީ 2022 ގައެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ -/810,000.00 (އަށްލައްކަ ދިހަހާސް) ރުފިޔާއެވެ.
މަކުނުދޫ ކައުންސިލަށް ބޭނުންވާ އޮފީސް ޗެއަރ ހޯދުން
މަކުނުދޫ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް އަރާމު އަދި ފަސޭހަ މަސައްކަތުގެ މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި، ކައުންސިލަށް ބޭނުންވާ 17 އޮފީސް ގޮނޑި ސަޕްލައިކުރުމުގެ މަސައްކަތް "އައިލެންޑް ކްރައުން" އާ ވަނީ ހަވާލުކުރެވިފައެވެ. މި މަސައްކަތް އެ ފަރާތާ ހަވާލުކުރެވުނީ 17 ފެބްރުވަރީ 2022 ގައެވެ. ޖުމްލަ 98,665.20 (ނުވަދިހަ އަށްހާސް ހަސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ވިހި ލާރި) ރުފިޔާގެ މި މަސައްކަތް ނިންމުމަށް އެ ފަރާތަށް ދެވުނީ 7 ދުވަހުގެ މުއްދަތެކެވެ.
މަކުނުދޫގެ ބިނާވެށި ޕްލޭން (ލޭންޑް ޔޫޒް ޕްލޭން) އެކުލަވައިލުމުގެ މަސައްކަތް
މަކުނުދޫގެ ލޭންޑް ޔޫޒް ޕްލޭން (އެލް.ޔޫ.ޕީ) އެކުލަވައިލުމުގެ މަސައްކަތަކީ، ކައުންސިލްގެ އައު ދައުރެއް ފެށުމާއެކު ބިނާވެށި ޕްލޭނާ އެއްގޮތަށް ކުރިއަށްގެންދިއުމަށް ޤާނޫނުން ލާޒިމުކުރާ މުހިންމު މަސައްކަތެކެވެ. މި ޕްލޭން ފާސްނުކޮށް ބިން ކުއްޔަށް ދޫކުރުމާއި، ބޯހިޔާވަހިކަމަށް ބޭނުންވާ ގޯތި ދޫކުރުން ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވެން ނެތުމުން، ކައުންސިލުން މި މަސައްކަތަށް ވަރަށް ބޮޑު އިސްކަމެއް ދިނެވެ. މިގޮތުން، 117,000 (އެއްލައްކަ ސަތާރަ ހާސް) ރުފިޔާއަށް މި މަސައްކަތް މެޕްސްކޭޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެވުނީ 14 އެޕްރީލްގައެވެ. މި މަޝްރޫޢު ނިންމުމަށް އެންމެ ފުރަތަމަ ކަނޑައެޅުނީ 54 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް، ޕްލޭން އެކުލަވައިލުމުގެ ތެރެއިން ރައްޔިތުންނާ މަޝްވަރާކޮށްގެން ނިންމަންޖެހޭ މުހިންމު ކަންތައްތަކެއް ހުރުމާއެކު، އެކި ފަހަރު މަތިން ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމަށް ކައުންސިލުން 84 ދުވަސް ހޭދަކުރިއެވެ. މި ސަބަބަށްޓަކައި، މަސައްކަތް ހަވާލުކުރެވުނު ފަރާތަށް އެ މުއްދަތު އިތުރުކޮށްދެވުނެވެ. ނަތީޖާއެއްގެ ގޮތުން، ރައްޔިތުންގެ ބައިވެރިވުމާއެކު މި މަސައްކަތް މިހާރު ވަނީ ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ.
1443 ވަނަ އަހަރުގެ ރަމަޟާން މަހު އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ބޭރު ޙާފިޘުން ގެނައުން
1443 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށްޓަކައި، ކޮންމެ އަހަރަކުވެސް ކައުންސިލުން ކުރިއަށްގެންދާ އުޞޫލުން ބޭރުގެ ޙާފިޡުން ގެނައުމުގެ އިންތިޒާމުތައް މިއަހަރުވެސް ވަނީ ފުރިހަމަކުރެވިފައެވެ. މިއީ ރަށުގެ ރައްޔިތުން ނުހަނު ބޭނުންވާ، އަދި ކައުންސިލުންވެސް ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އެގޮތުން، ރަށުގެ ބޮޑު ދެ މިސްކިތުގައި ޚަތިމުކޮށް ތަރާވީޙް ނަމާދު ކުރުމަށްޓަކައި، ކައުންސިލްގެ ޚަރަދުގައި މިއަހަރުވެސް ދެ ޙާފިޡުން ވަނީ ރަށަށް ގެނެވިފައެވެ
މަސްޖިދުއް ތަޤްވާ އަދި މަސްޖިދުއް ޞިއްދީޤުގައި އޭސީ ހަރުކުރުމުގެ މަޝްރޫޢު
މިސްކިތްތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް އަޅުކަންކުރުމުގައި ލުއިފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން، ކައުންސިލުގެ ބަޖެޓުންނާއި ދީލަތި އެހީތެރިންގެ ހަދިޔާއާއެކު މި ދެ މިސްކިތުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންދެވިފައެވެ. މި މަޝްރޫޢުގެ ދަށުން މިސްކިތްތަކަށް ބޭނުންވާ އިތުރު އޭސީތައް ގަނެ، ހަރުކުރުމުގެ މަސައްކަތް "ޓަފް ކޫލް އިންވެސްޓްމެންޓް" އާ ހަވާލުކުރެވުނީ 18 އޮގަސްޓް 2022 ގައެވެ. 12 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރެވުނު މި މަސައްކަތުގެ ޖުމްލަ އަގަކީ 30,3162.45 (ތިންލައްކަ ތިންހާސް އެއްސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ ސާޅީސް ފަހެއް ލާރި) އެވެ. ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް، މި މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ.
ހދ.މަކުނުދޫ އުތުރު ސަހަރާ ވަށާފާރު ރާނާ ސިމެންތި ޖެހުމުގެ މަޝްރޫޢު
މި މަޝްރޫޢަކީ ރަށުގެ ރައްޔިތުންގެ ފަރާތުން ގިނަ ދުވަސްތަކެއް ވަންދެން ހުށަހެޅެމުން އައި، ނަމަވެސް އެކަށީގެންވާ ހައްލެއް ނުލިބި އޮތް ބޮޑު ކަންބޮޑުވުމަކަށް ނިމުން ގެނުވި މުހިންމު މަސައްކަތެކެވެ. ރަށުގެ މެދުގައިވާ މި ސަހަރާގެ ވަށާފާރު ނެތި ގިނަ އަހަރުތަކެއް ވެފައިވާއިރު، މިއީ ފާއިތުވި ކޮންމެ ކައުންސިލް ދައުރެއްގައިވެސް ރައްޔިތުން ކުރަމުންދިޔަ ބޮޑު ޝަކުވާއެކެވެ. ރައްޔިތުންގެ މި ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، މަކުނުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލުން ވަނީ މި މަސައްކަތަށް ވަރަށް ބޮޑު އިސްކަމެއް ދީފައެވެ. މި މަސައްކަތް 4 ޑިސެމްބަރު 2022 ގައި ލާމި އިންވެސްޓްމެންޓާ ހަވާލުކުރެވުނީ ޖުމްލަ 438,935 (ހަތަރުލައްކަ ތިރީސް އަށްހާސް ނުވަސަތޭކަ ތިރީސް ފަސް) ރުފިޔާއަށް، 50 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢު ވަނީ ކާމިޔާބުކަމާއެކު ނިންމާލައި، ރައްޔިތުންގެ ޒަމާންވީ ކަންބޮޑުވުންތަކަށް އުފާވެރި ހައްލެއް ހޯދައިދީފައެވެ.
މަސްޖިދުއް ތަޤްވާ އަދި މަސްޖިދުއް ޞިއްދީޤުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް
މަސްޖިދުއް ތަޤްވާ އަދި މަސްޖިދުއް ޞިއްދީޤުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް، ޒަމާނީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިއްޖެއެވެ. މި މަސައްކަތަކީ މި ދެ މިސްކިތުގައި އެއަރކޮންޑިޝަން (އޭސީ) ހަރުކުރުމަށް ބޭނުންވާ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި، ފެނަކަ ކޯޕަރޭޝަނާއި، ހދ. މަކުނުދޫ ބޮންތި، އަލްފާޟިލް މުޙައްމަދު ވަޙީދުގެ އިތުރުން ގިނަ އަދަދެއްގެ ހެޔޮއެދޭ ފަރާތްތަކެއްގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނު މަސައްކަތެކެވެ. މީގެ އިތުރުން، މަސްޖިދުއް ތަޤްވާގައި އަލަށް ހަރުކުރެވުނު ޕެނަލް ބޯޑަކީ ނަން ހާމަކުރަން ބޭނުންނުވާ ދީލަތި ފަރާތަކުން މި މިސްކިތަށް ދެއްވި ހަދިޔާއެކެވެ. މި މުހިންމު މަސައްކަތުގައި އެކި ގޮތްގޮތުން އެހީތެރިކަމާއި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.
ހދ.މަކުނުދޫގެ ބޮޑުތަކުރުފާނު މަގަށް އަރާ ރުއްގަސް ގަންނާނެ ފަރާތެއް ހޯދުން
މި މަސައްކަތަކީ ހދ. މަކުނުދޫގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބޮޑުތަކުރުފާނު މަގު ސާފުކުރުމަށްޓަކައި، އެ މަގުގައި ހުރި ރުއްގަސްތައް ނަގައި، އެ ތަކެތި ގަންނާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ކުރިއަށް ގެންދެވުނު މަސައްކަތެކެވެ. މި އިޢުލާނާ ގުޅިގެން "ސައްތާރު އެންޑް ގުރޫޕް އޮފް ކޮންސްޓްރަކްޝަން" އިން ހުށަހެޅި ބިޑް ކާމިޔާބުކޮށް، އެ ފަރާތާއެކު އެއްބަސްވުމެއްގައި ސޮއިކޮށް މި މަސައްކަތް ވަނީ ނިންމާފައެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ކައުންސިލުން އެއްވެސް ޚަރަދެއް ކުރަން ނުޖެހި ބޮޑުތަކުރުފާނު މަގު ސާފުކޮށް ލެވެލްކުރުމުގެ އިތުރުން، އެ މަގުން ނެގި ރުއްތައް ވިއްކައިގެން ކައުންސިލަށް އާމްދަނީގެ ގޮތުގައި 228,500 (ދެލައްކަ އަށާވީސްހާސް ފަސްސަތޭކަ) ދިވެހި ރުފިޔާ ވަނީ ލިބިފައެވެ.
މަކުނުދޫ ކައުންސިލަށް ބޭނުންވާ އޮފީސް ޕާރޓިޝަން ހޯދުން
މަކުނުދޫ ކައުންސިލް އިދާރާގެ އެތެރޭގެ އިންތިޒާމުތައް ހަރުދަނާކޮށް، މުވައްޒަފުންނަށް މަސައްކަތްކުރުމަށް އެކަށީގެންވާ އުފެއްދުންތެރި މާހައުލެއް ގާއިމުކުރުމަށްޓަކައި، އޮފީސް ޕާޓިޝަން އިންސްޓޯލް ކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދެވުނެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ސެކްޝަންތައް ވަކިކޮށް، ކޮންމެ މުވައްޒަފަކަށްވެސް އަމިއްލަ މަސައްކަތު ސްޓޭޝަނެއް ތަރުތީބުކޮށްދިނުމެވެ. މި މަސައްކަތް "އައިލެންޑް ކްރައުން" އާ ހަވާލުކުރެވުނީ 15 ފެބްރުވަރީ 2022 ގައެވެ. ޖުމްލަ 68,445.16 (ފަސްދޮޅަސް އަށްހާސް ހަތަރުސަތޭކަ ސާޅީސް ފަސް ރުފިޔާ ސޯޅަލާރި) ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއު، 10 ދުވަހުގެ ތެރޭގައި ވަނީ އެއްކޮށް ނިންމާލެވިފައެވެ. މި މަސައްކަތް ނިމިފައިވަނީ ކައުންސިލުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް، ފުރިހަމަކޮށް ކަން ފާހަގަކުރަމެވެ.
މަކުނުދޫ ކައުންސިލް އިދާރާއަސް ބޭނުންވާ 10 ކޮމްޕިއުތަރ ސިސްޓަމް ގަތުން
މަކުނުދޫ ކައުންސިލް އިދާރާގެ އިދާރީ މަސައްކަތްތައް ހަލުވިކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި، ޒަމާނީ 10 ކޮމްޕިއުޓަރ ސިސްޓަމް ހޯދުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިފައިވެއެވެ. ކައުންސިލްގައި މީގެ ކުރިން ބޭނުންކުރަމުންދިޔަ ސިސްޓަމްތަކަކީ ދުވަސްވުމުގެ ސަބަބުން މަސައްކަތުގެ ދުވެލި ލަސްވެ، ދަތިތަކާ ކުރިމަތިވަމުންދިޔަ ސިސްޓަމްތަކެކެވެ. އެހެންކަމުން، ޒަމާނީ ޓެކްނޮލޮޖީއާ އެއްގޮތަށް، ކައުންސިލްގެ މަސައްކަތްތަކަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ (Custom Modified) ސިސްޓަމްތަކެއް ހޯދުމަށް "ސައުޓް ގޭޓް އިންވެސްޓްމަންޓް" އާއެކު 19 ޖަނަވަރީ 2022 ގައި އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައެވެ. ޖުމްލަ 248,040 (ދުވިސައްތަ ސާޅީސް އަށްހާސް ސާޅީސް) ރުފިޔާއަށް ހަވާލުކުރެވުނު މި މަސައްކަތް، 18 ދުވަހުގެ ތެރޭގައި ވަނީ ވަރަށް ފުރިހަމައަށް ނިންމާލާފައެވެ. މި އާ ސިސްޓަމްތަކާއެކު، ކައުންސިލްގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ
2023 ވަނަ އަހަރު ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ ދީނީ ޕްރޮގްރާމްތައް ހިންގުން
ހދ. މަކުނުދޫ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމީ ރޫހާއި ގައުމީ ލޯބި އާލާކުރުމުގެ މަގުސަދުގައި، މަކުނުދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި ދީނީ ހަރަކާތްތައް ހިންގުން ވަނީ ޖަމިއްޔާއަކާ ހަވާލުކުރެވިފައެވެ. މި އިސްނެގުމުގެ ސަބަބުން ރަށުގެ އިޖުތިމާއީ ބަދަހިކަން ވަރުގަދަވެ، ދީނީ ކަންކަމަށް ދޭ ސަމާލުކަން އިތުރުވެ، ދީނީ ދައުވަތުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ ތައުލީމީ ޒުވާން ޖީލެއް ބިނާކުރުމަށް މަގުފަހިވެގެންދެއެވެ. މި އެއްބަސްވުމުގެ ދަށުން ހިންގުމަށް ތާވަލުކުރެވުނު މުހިންމު ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ: 1444 ވަނަ އަހަރުގެ ރަމަޟާން މަހު، މަކުނުދޫގެ މަސްޖިދުއް ތަޤްވާ އާއި މަސްޖިދުއް ޞިއްދީޤުގައި ތަރާވީޙް ނަމާދު އިމާމުވެ ކުރުމަށްޓަކައި ރާއްޖޭން ބޭރުގެ ދެ (2) ޙާފިޒުން ގެނައުން. ކޮންމެ ހަތަރު މަހަކުން އެއްފަހަރު، ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާ ދީނީ ބޮޑު ދަރުސްތައް (އަހަރަކު ޖުމްލަ 3 ދަރުސް) ކުރިއަށް ގެންދިއުން. ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން، އެ މަހުގެ ތިން ހަފުތާއެއްގައި ރައްޔިތުންނަށް އަމާޒުކޮށްގެން ބާއްވާ ތިން ބޮޑު ދަރުސް އިންތިޒާމުކުރުން. ބެލެނިވެރިން ހޭލުންތެރިކުރުވުމަށް "ޕޭރެންޓިންގ ވޯކްޝޮޕް" ނުވަތަ ދަރުސް، ސްކޫލާ ގުޅިގެން އަހަރަކު އެއްފަހަރު ބޭއްވުން. (މި ހަރަކާތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުއްދަތައް ކައުންސިލް މެދުވެރިކޮށް ހޯދަންވާނެއެވެ.) ދަރިވަރުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން، ސްކޫލާ ގުޅިގެން އަހަރަކު ތިން (3) ވޯކްޝޮޕް ނުވަތަ ދަރުސް ކުރިއަށް ގެންދިއުން. (މިކަމަށް ބޭނުންވާ އެންމެހައި ހުއްދަތައް ކައުންސިލް މެދުވެރިކޮށް ހޯދަންވާނެއެވެ.)
މަގުބައްތި ތަކުގެ ހޮޅިދަނޑިތައް ސަޕްލައި ކުރުން
އަލަށް އާބާދުވާ ސަރަހައްދުގައި މަގުބައްތި ހަރުކުރުމަށް ބޭނުންވާ 150 ހޮޅިދަނޑި ހޯދުމަށް ކައުންސިލުން ކުރި އިޢުލާނާ ގުޅިގެން، ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ކާމިޔާބުކޮށްފައިވަނީ ފަރިމޫ ކޮމްޕެނީއެވެ. މި މަސައްކަތް އެ ފަރާތާ ޙަވާލުކުރެވުނީ 307,800.00 (ތިންލައްކަ ހަތްހާސް އަށްސަތޭކަ) ރުފިޔާއަށް، 60 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތް ނިންމާފައިނުވާތީ، އެއްބަސްވުމުގައިވާ އުޞޫލުގެ މަތިން އެ ފަރާތުގެ އަތުން ލިކުއިޑޭޓަޑް ޑެމޭޖަސް ވަނީ ނަގާފައެވެ.
ޔޫތު ސެންޓަރުގައި އޭސީ ހަރުކުރުމުގެ މަސައްކަތް
މަކުނުދޫ ޔޫތު ސެންޓަރަށް ބޭނުންވާ 24،000 ބީޓީޔޫގެ 6 އެއަރކޮންޑިޝަނަރ ސަޕްލައިކޮށް، އިންސްޓޯލްކުރުމަށް ކައުންސިލުން ކުރި އިޢުލާނާ ގުޅިގެން އެ މަސައްކަތް ކާމިޔާބުކޮށްފައިވަނީ ލާމި އިންވެސްޓްމެންޓުންނެވެ. ޖުމްލަ 135،208.75 ރުފިޔާއަށް، 8 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރެވުނު މި މަސައްކަތް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކައުންސިލުން ބޭނުންވި ފެންވަރަށް ވަނީ ފުރިހަމައަށް ނިންމާފައެވެ.
މަކުނުދޫ ފުޓްސަލް ދަނޑު މަރާމާތުކުރުމުގެ މަސައްކަތް
ހދ. މަކުނުދޫ ފުޓްސަލް ދަނޑު މަރާމާތުނުކުރެވި ގިނަދުވަސްވުމުގެ ސަބަބުން ރަށުގެ ޒުވާނުންގެ މެދުގައި އޮތް ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން، އެ ދަނޑު މަރާމާތުކުރުމުގެ މަސައްކަތް "ޓަފް ކޫލް އިންވެސްޓްމަންޓް" އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗް ލެވެލްކޮށް ބިންގަނޑު ހަރުކުރުމާއި، ކުރިން އޮތް ކާޕެޓާއި ޕޭމަންޓް ގާތައް ނަގައި އަލުން ކާޕެޓް އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ޕޭމަންޓް ގާ އެތުރުމާއި، ކާނުތައް ސާފުކުރުމާއި، ދެ ގޯލުގެ ފަހަތުގައިވާ ފެންސުގައި ތޭރިޖެހުމުގެ އިތުރުން ގޭޓް މަރާމާތުކުރުން ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. ކައުންސިލުން ކުރި އިޢުލާނާ ގުޅިގެން ހުށަހެޅި ބިޑްތައް އިވެލުއޭޓްކުރުމަށްފަހު، މި މަސައްކަތް ޓަފް ކޫލް އިންވެސްޓްމަންޓާ ހަވާލުކޮށްފައިވަނީ -/289,999.00 (ދުއިސައްތަ އަށްޑިހަ ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ) ރުފިޔާއަށެވެ. މި މަސައްކަތް އެއްބަސްވުމާ އެއްގޮތަށް 17 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
އަތަކުރި އިމާރާތް ޕްރީ ސްކޫލަކަށް ބަދަލުކުރުމުގެ މަރާމާތު މަސައްކަތް
ކައުންސިލްގެ "އަތަކުރި" އިމާރާތުގައި ޕްރީ ސްކޫލް ހިންގުމަށްޓަކައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުމަށް 11 ޑިސެމްބަރު 2023 ގައި ކުރި އިޢުލާނާ ގުޅިގެން، އެ މަސައްކަތް އެން.އާރް.އެސް އިންވެސްޓްމެންޓާ ހަވާލުކުރެވުނީ 327,750 (ތިންލައްކަ ހަތާވީސްހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާއަށެވެ. 10 ފެބްރުވަރީ ގައި އަމަލީ މަސައްކަތް ފަށައި، 9 ޖޫންގެ ނިޔަލަށް މުޅި މަސައްކަތް ވަނީ ކައުންސިލުން ބޭނުންވި ފެންވަރަށް އެއްކޮށް ނިންމާލެވިފައެވެ.
އަޟްޙާ ޢީދު 1444: ޢީދުގެ ހަރަކާތްތައް ހިންގުމަށް މަކުނުދޫ ޔޫތު މޫވްމަންޓާ ހަވާލުކުރުމާއި ހަރަކާތްތައް ކުރިއަށް ގެންދިއުން
1444 ވަނަ އަހަރުގެ އަލްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ރަށުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި، ކައުންސިލުން ކުރި އިޢުލާނާ ގުޅިގެން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ މަކުނުދޫ ޔޫތު މޫވްމަންޓްގެ ފަރާތުންނެވެ. މި މަސައްކަތް އެ ޖަމިއްޔާއާ ހަވާލުކޮށް، ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރެވި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ޢީދުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އެއްބަސްވުމުގެ ދަށުން އެ ޖަމިއްޔާއާ ހަވާލުކުރެވުނު މައިގަނޑު މަސައްކަތްތަކަކީ: ޢީދަށް ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަރުޙަބާ ކިޔުމަށްޓަކައި، ކައުންސިލުން ކަނޑައަޅާ ސަރަޙައްދެއްގައި "މަރުޙަބާ" އަދި "ޢީދު މުބާރަކް" ލިޔެފައިވާ، ރޭގަނޑު ދިއްލޭނެފަދަ ގިޑިގެއެއް 20 ޖޫން 2023 ގެ ކުރިން ތައްޔާރުކުރުން. (މި ގިޑިގޭގެ ފަރުމާ ކައުންސިލަށް ހުށަހަޅައި ހުއްދަ ހޯދުމަށް ވަނީ ހަމަޖެހިފައެވެ.) 28 ޖޫން އިން 1 ޖުލައި 2023 އަށް، ޢީދުގެ 4 ދުވަހުގެ މުއްދަތަށް ބަހާލައިގެން ތަފާތު ހަރަކާތްތައް ރާވައި ހިންގުން. ރޭވޭ ހަރަކާތްތަކުގެ ތެރޭގައި ތިރީގައިވާ ދާއިރާތަކުން މަދުވެގެން އެއް ހަރަކާތް ހިމެނުން: • ޘަގާފީ ކުޅިވަރުތަކުގެ ހަރަކާތެއް. • މުބާރާތެއްގެ ސިފައިގައި ކުރިއަށްދާ ހަރަކާތެއް. • އަންހެނުންނަށް ޚާއްޞަ ހަރަކާތެއް. • އިސްރަށްވެހިންނަށް ނުވަތަ އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ހަރަކާތެއް. • ކުޑަކުދިންނަށް ޚާއްޞަ ހަރަކާތެއް.
ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ބެލެހެއްޓުން 2 އަހަރު ދުވަހުގެ މުއްދަތަށް "ބޯ އިންވެސްޓްމަންޓް" އާ ހަވާލުކުރުން
ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ސާފުތާހިރުކޮށް ބެލެހެއްޓުމަކީ ކައުންސިލްގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހޭ، އަދި ކައުންސިލުން ނުހަނު އިސްކަންދޭ މުހިންމު މަސައްކަތެކެވެ. މި މަސައްކަތް އެންމެ އެކަށީގެންވާ ފެންވަރެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، މަސައްކަތް ހަވާލުކުރެވޭ ފަރާތަށް އެކަށީގެންވާ މުއްދަތެއް ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ފެންނާތީ، މި މަސައްކަތް 2 އަހަރު ދުވަހުގެ މުއްދަތަށް އައުޓްސޯސް ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން، ކައުންސިލުން ކުރި އިޢުލާނާ ގުޅިގެން ހުށަހެޅުނު ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު، މި މަސައްކަތް ކުރުމަށް އެންމެ އެކަށީގެންވާ ފަރާތެއްގެ ގޮތުގައި ހޮވިފައިވަނީ "ބޯ އިންވެސްޓްމަންޓް" އެވެ. މި މަސައްކަތް އެ ފަރާތާ ރަސްމީކޮށް ހަވާލުކުރެވިފައިވަނީ 21 ޖުލައި 2023 ގައެވެ. ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 1,999,920 (އެއް މިލިއަން ނުވަލައްކަ ނުވަދިހަ ނުވަހާސް ނުވަސަތޭކަ ވިހި) ރުފިޔާއެވެ. މަސައްކަތުގެ މައިގަނޑު މަގުސަދުތައް: މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ، ސާފުތާހިރު މާހައުލެއް ގާއިމުކޮށްދިނުމެވެ. މީގެ އިތުރުން، ދިގު މުއްދަތަކަށް މަސައްކަތް ހަވާލުކުރުމުގެ ސަބަބުން މަސައްކަތަށް ބޭނުންވާ މެޝިނަރީއާއި ވަސީލަތްތައް ގާއިމުކޮށް، މަސައްކަތުގެ ފެންވަރު އެއް މިންގަނޑެއްގައި ހިފެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ. މަސައްކަތުގެ ދާއިރާ: މި އެއްބަސްވުމުގެ ދަށުން ރަށުގެ މައި މަގުތަކާއި، ގޯޅިތަކުގެ އިތުރުން މީހުން އެއްވެ އުޅޭ އިޖްތިމާއީ ސަރަހައްދުތަކާއި، ބަނދަރު ސަރަހައްދު އަދި އަތިރިމަތީގެ ސަރަހައްދުތައް ކައުންސިލުން ދެވޭ ޝެޑިއުލްއާއި އެއްގޮތަށް ކުނިކަހައި ސާފުކުރުން ހިމެނެއެވެ. އަދި މި ސަރަހައްދުތަކުން ނެގޭ ކުނި، ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި މޭނޭޖްކުރާ ސަރަހައްދަށް ގެންދިއުމަކީވެސް ކޮންޓްރެކްޓަރުގެ ޒިންމާއެކެވެ. މަސައްކަތް މޮނިޓަރކުރުން: ކައުންސިލުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް މަސައްކަތް ކުރިއަށްދޭތޯ ބެލުމަށްޓަކައި، ކައުންސިލްގެ ކަމާބެހޭ ސެކްޝަނުން ގަވާއިދުން މަސައްކަތް ސުޕަވައިޒް ކުރަމުންދާނެއެވެ. އަދި އޭގެ އިތުރުން އެ ޒިންމާ ހަވާލުވެ ހުންނެވި މެންބަރ ސުޕަވައިޒް ކުރަމުންދާނެއެވެ. މީގެ ބޭނުމަކީ ރައްޔިތުންނަށް ދެވޭ މި ހިދުމަތަކީ އެންމެ މަތީ ފެންވަރުގެ ހިދުމަތަކަށް ހެދުމެވެ. ކައުންސިލްގެ އުންމީދަކީ މި އައު އިންތިޒާމާއެކު، ރަށުގެ ތިމާވެށި މިހާރަށްވުރެ ބޮޑަށް ރީތިވެ، އިޖުތިމާއީ ސަރަހައްދުތަކަކީ އެންމެންނަށްވެސް ބޭނުންކުރަން ފަސޭހަ ތަންތަނަށް ވެގެންދިއުމެވެ.
1444 ވަނަ އަހަރު ޙިފްޡްކޮށް ތަރާވީޙް ނަމާދުކުރާނޭ ޙާފިޡުން ހޯދުން
1444 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށްޓަކައި، ކޮންމެ އަހަރަކުވެސް މި ކައުންސިލުން ކުރިއަށްގެންދާ އުޞޫލުގެ މަތިން، ރާއްޖެއިން ބޭރުގެ ޙާފިޡުން ގެނައުމުގެ އިންތިޒާމުތައް މިއަހަރުވެސް ވަނީ ފުރިހަމަކުރެވިފައެވެ. މިއީ ރަށުގެ ރައްޔިތުންގެ ދީނީ ބޭނުންތަކަށް ރިޢާޔަތްކޮށް، ކައުންސިލުން ނުހަނު އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އެގޮތުން، ރަށުގެ ބޮޑު ދެ މިސްކިތުގައި ޚަތިމުކޮށް ތަރާވީޙް ނަމާދު ކުރުމަށްޓަކައި ދެ ޙާފިޡުން ގެނައުމުގެ މަސައްކަތް، ކައުންސިލްގެ ޚަރަދުގައި "އޭ.އެޗް ޕްރޮޖެކްޓްސް" އާ ވަނީ ޙަވާލުކުރެވިފައެވެ. ޖުމްލަ 123,651.00 (އެއްލައްކަ ތޭވީސްހާސް ހަސަތޭކަ ފަންސަވީސް) ރުފިޔާއަށް ޙަވާލުކުރެވުނު މި މަސައްކަތުގެ ތެރޭގައި، ޙާފިޡުން އެމީހުންގެ ޤައުމުން ރަށަށް ގެނައުމާއި، ރަށުގައި ތިބުމުގެ އިންތިޒާމުތަކާއި، ކެއިންބުއިމާއި، އެލަވަންސްގެ އިތުރުން އެނބުރި ޤައުމަށް ފޮނުވާލުމާ ހަމައަށް ހިނގާނެ އެންމެހާ ޚަރަދުތައް ހިމެނިފައިވެއެވެ.
މަކުނުދޫގައި ޕްރީ ސްކޫލް ހިންގުމުގެ މަސައްކަތް ހަވާލުކުރުން
މަކުނުދޫގައި ޕްރީ ސްކޫލެއްގެ ޚިދުމަތް ފެށުމަށް ކައުންސިލުން ނިންމެވީ، ރަށުގެ ގިނަ އަދަދެއްގެ ބެލެނިވެރިންގެ އެދުމާ ގުޅިގެންނެވެ. މި މަސައްކަތް ފެށުމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ، ޕްރީ ސްކޫލް ހިންގުމަށް ޚާއްޞަ އިމާރާތެއް ގާއިމުވެފައި ނެތުމެވެ. އެހެންނަމަވެސް، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި އިމާރާތެއް މަރާމާތުކޮށް، ޕްރީ ސްކޫލް ހިންގޭ ފެންވަރަށް އެތަން ތަރައްޤީކުރުމަށްފަހު، ސްކޫލް ހިންގާނެ ފަރާތެއް ހޯދުމަށް ކައުންސިލުން ވަނީ ހަތަރު ފަހަރެއްގެ މަތިން އިޢުލާނުކޮށްފައެވެ. މިގޮތުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔާބުކުރީ "ނާރެސް ޕްރީ ސްކޫލް" އިންނެވެ. އެ ފަރާތާ މި މަސައްކަތް ހަވާލުކުރެވުނީ އަހަރަކު 400,000 (ހަތަރުލައްކަ) ރުފިޔާގެ މާލީ އެހީތެރިކަން ކައުންސިލުން ފޯރުކޮށްދޭ ގޮތަށް، ޖުމްލަ 4 އަހަރު ދުވަހުގެ މުއްދަތަށެވެ.
2024 ވަނަ އަހަރު ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ ދީނީ ޕްރޮގްރާމްތައް ހިންގުން
ހދ. މަކުނުދޫގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމީ އުޞޫލުތައް އާލާކުރުމަށްޓަކައި، މަކުނުދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ދީނީ ހަރަކާތްތައް މަދަނީ ޖަމިއްޔާތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ އިސްނަގާފައެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ އިޖުތިމާޢީ ބަދަހިކަން ވަރުގަދަކޮށް، ދީނީ ކަންކަމަށް ދެވޭ ސަމާލުކަން އިތުރުކުރުމާއެކު، ދީނީ ދަޢުވަތުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާނެ ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުމެވެ. މިގޮތުން 2024 ވަނަ އަހަރުގެ ދީނީ ހަރަކާތްތައް ހިންގުމަށްޓަކައި، މަހަލްދީބް ފައުންޑޭޝަނާއެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 110,000 (އެއްލައްކަ ދިހަ ހާސް) ރުފިޔާއެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މުހިންމު ހަރަކާތްތަކަކީ: ޢާންމު ދީނީ ދަރުސްތައް: ކޮންމެ ހަތަރު މަހަކުން އެއްފަހަރު، ރަށުގެ ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާ ދީނީ ބޮޑު ދަރުސްތައް (އަހަރަކު ޖުމްލަ 3 ދަރުސް) އިންތިޒާމުކުރުން. އިޙްޔާ ފޯރަމްތައް: ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން، އެ މަހުގެ ތިން ހަފުތާއެއްގައި ރައްޔިތުންނަށް އަމާޒުކޮށްގެން ބާއްވާ ތިން ބޮޑު ދަރުސް ކުރިއަށް ގެންދިއުން. ބެލެނިވެރިން ހޭލުންތެރިކުރުވުން: ދަރިން ތަރުބިއްޔަތުކުރުމާ ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ "ޕޭރެންޓިންގ ވޯކްޝޮޕް" ނުވަތަ ދަރުސް، ސްކޫލާ ގުޅިގެން އަހަރަކު އެއްފަހަރު ބޭއްވުން. (މި ހަރަކާތަށް ބޭނުންވާ ހުއްދަތައް ހޯދާނީ ކައުންސިލް މެދުވެރިކޮށެވެ.) ދަރިވަރުންގެ ހޭލުންތެރިކަން: ދަރިވަރުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، ސްކޫލާ ގުޅިގެން އަހަރަކު ތިން (3) ވޯކްޝޮޕް ނުވަތަ ދަރުސް ކުރިއަށް ގެންދިއުން. (މިކަމަށް ބޭނުންވާ އެންމެހައި ހުއްދަތައް ކައުންސިލް މެދުވެރިކޮށް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.)
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 2024 ހިންގުމަށް މީމް ޖަމިއްޔާއާއި ހަވާލުކުރުން
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލުން އިންތިޒާމުކުރި 2024 ވަނަ އަހަރުގެ ޤުރުއާން މުބާރާތް ބޭއްވުމަށްޓަކައި، ކައުންސިލުން ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރި އިޢުލާނާ ގުޅިގެން، "މީމް ޖަމްޢިއްޔާ" އިން ހުށަހެޅި ޕްރޮޕޯސަލް ކައުންސިލުން ވަނީ އިވެލުއޭޓްކޮށް ބަލައިގަނެފައެވެ. މި މަސައްކަތް 150,000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާއަށް އެ ޖަމްޢިއްޔާއާ ޙަވާލުކުރުމަށް ނިންމައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 16 އޭޕްރީލް 2024 ގައެވެ. މި މުބާރާތް އިންތިޒާމުކޮށް ހިންގުމުގައި، ކައުންސިލުން ބޭނުންވި މިންގަނޑުތަކާއި ފެންވަރަށް، ވަރަށް ފުރިހަމަކަމާއެކު އެ ޖަމްޢިއްޔާއިން ވަނީ މަސައްކަތްތައް ނިންމާލާފައެވެ.
މަކުނުދޫ ފުޓްސަލް ދަނޑަށް ބޭނުންވާ ކާޕެޓް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް
މަކުނުދޫ ކައުންސިލްގެ ފުޓްސަލް ދަނޑުގެ ކާޕެޓް ހަލާކުވެފައިވާތީ، އައު ކާޕެޓް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، އެމްޕަވަރމަންޓް އެންޑް އިންފޮމޭޝަންގެ މާލީ އެހީތެރިކަމާއެކު ކައުންސިލުން ކުރި އިޢުލާނާ ގުޅިގެން، ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތަކަށް ހޮވިފައިވަނީ މޯލްޑިވްސް އެޝުއަރ ސަޕްލައިއެވެ. މި މަސައްކަތް އެ ފަރާތާ ޙަވާލުކުރެވުނީ 481,464.00 (ހަތަރުލައްކަ އަށްޑިހަ އެއްހާސް ހަތަރުސަތޭކަ ފަސްދޮޅަސް ހަތަރު) ރުފިޔާއަށް، 21 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިގޮތުން މަސައްކަތް ފެށުމަށް އެ ފަރާތާ ޙަވާލުކުރެވުނީ 23 ޖުލައި 2024 ގައެވެ. ނަމަވެސް، މަސައްކަތް އެއްކޮށް ނިންމާފައިވަނީ 12 އޮގަސްޓް 2024 ގައެވެ. މަސައްކަތް ނިންމަންޖެހޭ ތާރީޚަށްވުރެ 82 ދުވަސް ލަސްވެފައިވާތީ، އެއްބަސްވުމާ އެއްގޮތްވާގޮތުގެ މަތިން ލިކުއިޑޭޓެޑް ޑެމޭޖެސް (ޖޫރިމަނާ) ގެ ގޮތުގައި 72,219.60 ރުފިޔާ، މަސައްކަތުގެ ޖުމްލަ އަގުން ވަނީ އުނިކުރެވިފައެވެ.
މަސްޖިދުއް ތަޤްވާ އަދި މަސްޖިދުއް ޞިއްދީޤުގައި އިރުގެ ހަކަތައިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމުކުރުން
މަސްޖިދުއް ތަޤްވާ އަދި މަސްޖިދުއް ޞިއްދީޤުގައި އެއަރކޮންޑިޝަން ހަރުކުރުމާ ގުޅިގެން، ކަރަންޓު ބިލަށް ހިނގާ ޚަރަދު ބޮޑުވުމުން އެ ޚަރަދު ކުޑަކުރުމުގެ މަޤްޞަދުގައި އެ ދެ މިސްކިތުގައި އިރުގެ ހަކަތައިން ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމުކުރުމަށް ކައުންސިލުން އިޢުލާންކުރިއެވެ. މި މަސައްކަތަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން، އެންމެ އެކަށީގެންވާ ބިޑެއް ހުށަހަޅާފައިވާ "އަވި ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑް" އަށް މި މަސައްކަތް ވަނީ ހަވާލުކުރެވިފައެވެ. މި މަސައްކަތް އެ ފަރާތާ ހަވާލުކުރީ 329,950.00 (ތިންލައްކަ ނަވާވީސްހާސް ނުވަސަތޭކަ ފަންސާސް) ރުފިޔާއަށް، ދެ ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި 20 ޖުލައި 2024 ގައި ސޮއިކުރެވުނުއިރު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކައުންސިލުން ބޭނުންވި ފެންވަރަށް މި މަސައްކަތް ވަނީ އެއްކޮށް ނިންމާލެވިފައެވެ.
ބަނދަރު ސަރަހައްދުގައި ގަސްޕޮޓާއި ބެންޗު ބެހެއްޓުމުގެ މަސައްކަތް "ޑިޒައިން އެންޑް ބިލްޑް" އުސޫލުން "ޕިންތާރޯ" އާ ހަވާލުކުރުން
ބަނދަރު ސަރަހައްދުގައި ގަސްޕޮޓާއި ބެންޗު ބެހެއްޓުމުގެ މަސައްކަތް "ޑިޒައިން އެންޑް ބިލްޑް" އުސޫލުން "ޕިންތާރޯ" އާ ހަވާލުކޮށްގެން، ކައުންސިލުން ބޭނުންވި ފެންވަރަށް ނިންމާލައިފިއެވެ. އަތޮޅު ކައުންސިލުން ދެއްވި ހިލޭ އެހީއާއި، ކައުންސިލްގެ ބަޖެޓުން ޖުމްލަ 281,000.00 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ފަށާފައިވަނީ 18 ޖެނުއަރީ 2025 ގައެވެ. އަދި ކަނޑައެޅިފައިވާ ތާރީޚު ކަމަށްވާ 21 މާރިޗު 2025 ގެ ނިޔަލަށް މި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް ވަނީ ފުރިހަމަކޮށް ނިންމާފައެވެ.
މަސްކަނޑާ އައްޓެއް ގާއިމްކުރުމުގެ މަސައްކަތް
ހދ. މަކުނުދޫގައި މަސްކަނޑާނެ ވަކި ސަރަހައްދެއް ކަނޑައެޅިފައި ނެތުމުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށާއި، ބަނދަރުމަތީގައި އިންތިޒާމީ ގޮތެއްގައި އެ މަސައްކަތް ކުރެވޭނެ މަގު ފަހިކުރުމަށްޓަކައި، ޑިޒައިން އެންޑް ބިލްޑް އުސޫލުން މަސްކަނޑާ ސަރަހައްދެއް ތަރައްޤީކުރުމުގެ މަސައްކަތް ޝަންހާއީ އިންވެސްޓްމެންޓާ ހަވާލުކޮށްފިއެވެ. 1 ޑިސެމްބަރު 2024 ގައި ހަވާލުކުރެވުނު މި މަސައްކަތުގެ ޖުމްލަ އަގަކީ 59,000 (ފަންސާސް ނުވަހާސް) ރުފިޔާއެވެ.